ހއ.އިހަފަރު ފަޅު މަރާމާތު ކުރުމުގައި 2010 ވަނަ އަހަރު ކަންހިނގާ ދިޔަ ގޮތް





ތަޢާރަފު
މިއަދު ރާއްޖޭގެގިނަ ރަށްރަށް މިވަނީ ފަޅުފުން ކުރެވި ބަނދަރު އެޅިފައެވެ. އެގޮތުން ބަނދަރު އެޅުމުގައި އެކިފަހަރު ކުރިމަތި ވަނީ އެކި ކަހަލަ ގޮންޖެހުންތަކެވެ. ހއ. އިހަފަރު ފަޅު މަރާމާތުކުރުމުގެ މަސައްކަތް 2010ވަނަ އަހަރު ފަށައިގަނެފައިވަނިކޮށް އެރަށު ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކޮށް، ނުކުމެ، ވަނީ އެމަސައްކަތް ހުއްޓުވާފައެވެ.
މިއީ މިނިސްޓްރީ އޮފް ހައުސިންގެ ފަރާތުން ޝިނާނަތު ޙަސަން ޢަލީ މިކަން ހިނގާ ދިޔަގޮތް ރަނގަށް ބެލުމަފަހު ލިޔާ ރިޕޯޓެކެވެ. މިރިޕޯޓް ބިނވެފައިވަނީ ފަޅު މަރާމާތު ކުރުމުގެ މަސައްކަތާއި، ރައްޔިތުންގެ ޚިޔާލުހޯދި މިންވަރާއި، ތިމާވެއްޓާއި ރައްޓެހި ގޮތަކަށް މަސައްކަތްކުރުމާއި، ފަޅުފުންކުރުމާއި، ރިވެޓްމަންޓް ޖެހުމާއި އަދި އެކަންތައްތައް ކުރުމުގައި ދިމާވި މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ.
ފަޅުމަރާމާތު ކުރުމުގެ މަސައްކަތް  
ހއ. އިހަފަރަކީ އާބދީގައި3500 މީހުން ދިރިއުޅޭ ބޮޑު ރަށެކެވެ. އެންމެ ފުރަތަމަ ފަހަރަށް މިރަށުގެ ފަޅުފުންކުރެވިފައިވަނީ 1990 ވަނަ އަހަރުއެވެ. އެއީ ރައްޔިތުންގެ މާލިއްޔަތުން ހަރަދުކޮށްގެން ސީދާ ރައްޔިތުންގެ ބެލުމުގެ ދަށުންނެވެ. ނަމަވެސް މޫސުމީ ބަދަލުތަކާއި އުދައެރުމާއި ވިދިގެން ފަޅަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ސަބަބުން ދެވަނަ ފަހަރަށް 2000 ވަނަ އަހަރުގެތެރޭގައި ސަރުކާރުގެ ބެލުމުގެ ދަށުން ފަޅުފުންކުރުމުގެ މަސައްކަތްކޮށްފައިވެއެވެ. 2004ވަނަ އަހަރުގެ ޑިސެންބަރު މަހު26 ވަނަ ދުވަހު ދިވެހި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުން މިފަޅުވަނީ 3ވަނަ ފަހަރަށް މަރާމާތު ކުރަން ޖެހިފައެވެ. އަދި 2010ވަނަ އަހަރު ޑިސެންބަރު 26 ވަނަ ދުވަހު މިމަސައްކަތް ކުރަން ފެށުނީ ސަޢުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އުވަދޯނި ކޮންސްޓަރަކްޝަނާ ޙަވާލުކުރެވިގެންނެވެ.
ރައްޔިތުންގެ ޚިޔާލު ހޯދި މިންވަރު  
މިރަށުގެ ރައްޔިތުންވަނީ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ބައިބައިވެގެންގޮސްފައިކަން ދިރާސާތަކުން ދައްކައެވެ. އެއީ ރަށު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައްޔިތުން މަޖިލީހުގެ އިހަފަރު ދާއިރާގެ ޢިތްޒަތްތެރި މެންބަރު އަލްފާޟިލް މުޙައްމަދު ޤާސިމް 2009 ޖެނުއަރީ 22ވަނަ ދުވަހު ބޭއްވި ބައްދަލުވުމަށް ޙާޟިރު ވެފައިވަނީ ހަމައެކަނި އެމަނިކުފާނުގެ ޕާޓީގެ 50 މެންބަރުން ކަމަށް ވާތީއެވެ. އަދި ހަމަ އެހެންމެ ރަށުކައުސިލަރުންނަށްވެސް ރައްޔިތުން އެއްބާރުލުން ދީފައިނުވާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މިމަސައްކަތް ކުރުމަށް ޙަވާލުކުރެވިފައިވާ އުވަދޯނި ކޮންސްޓަރަކްޝަންގެ ފަރާތުން މަސައްކަތް ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން ރަށުގެ މަދަނީ ޖަމާއަތްތަކާ އަދި އެއްވެސް ކޮމެޓީއަކާވެސް މަޝްވަރާ ނުކުރައްވާކަން ރައްޔިތުން ހާމަކުރެއެވެ. އަދި މަސައްކަތްކުރެވިފައިވަނީ ތިމާވެއްޓާ ބީރައްޓެހި ގޮތަކަށްކަން ފާހަގަކުރެވެއެވެ.
ތިމާވެއްޓާ ރައްޓެހި ގޮތަކަށް މަސައްކަތްކުރުން.
އުވަދޯނި ކޮންސްޓަރަކްޝަން ގެ ފަރާތުނ މިމަސައްކަތް ކުރިއަށް ގެންދިޔައިރު މަސައްކަތުގައި ބޭނުންކުރި ހައިމާރކް އަދި ލޮރީ ފަދަ ތަކެތި ދުއްވުމަށް ފަސޭހަ ކުރުމަށް ރަށުގެ ވަށައިގެންވަނީ ބޮޑު ސަރަހައްދެއް ސާފުކޮށްފައެވެ. އެގޮތުން އެސަރަހައްދުގައިވާ ބޮޑެތި ގަސްގަހާއި، ރުއްތައްވަނީ މުލުން ނަގާފައެވެ. މިކަމުގެ ސަބަބުން ރަށުގެ ހޫނުގަދަކަން އިތުރުވެފައި ވާކަމަށް ރަށު ކައުންސިލަރު ވިދާޅުވިއެވެ. އަދި ފަޅު ފުންކުރިއިރު، އެހެން ސަރަހައްދު ތަކުގައިވާ  ގަލާއި މުރަކަތަކަށް އެއްވެސް ވަރަކަށް ބަލާފައެއް ނުވެއެވެ. އެހެންކަމުން ފަޅުފުންނުކުރާ ހިސާބުގެ ގިނަ އަދަދެއްގެ މުރަކަތަކާއި ގާތަށްވެސްވަނީ ހަލާކުވެފައެވެ. މީގެ އިތުރުން ފަޅުފުންކުރުމުގައިވެސް ކަންހިނގާފައިވަނީ އެހާ ރަނގަޅަކަށްނޫނެވެ.
ފަޅުފުންކުރުން.  
ފަޅު ފުންކުރުމުގެ މަސައްކަތް އުވަދޯނި ކޮންސްޓަރަކްޝަންގެ ފަރާތުން ކޮށްފައިވާއިރު، ފަޅުކޮނެފައިވަނީ ވަރަށް ތިލަކޮށްކަން ފާހަގަ ކުރެވެއެވެ. އަދިހަމައެހެންމެ ކުރިންފުންކޮށްފައިވާ ސަރަހައްދައްވުރެ 2010ވަނަ އަހަރު ކޮނެފައިވަނީ މާކުޑަ ސަރަހައްދެކެވެ. ނަމަވެސް ރަށު ކައުންސިލްގެ ރައީސް ދެއްވި މަޢުލޫމތުން އެނގޭ ގޮތުގައި ފަޅުބޮޑުކުރުމަށް އުވަދޯނި ކޮންސްޓަރަކްޝަނަށްވަނީ އަންގާފައެވެ.
ރިވެޓްމަންޓް ޖެހުން.
މިމަސައްކަތަކި ސަޢުދީ ސަރުކާރުގެ ހިލޭއެހީގެ ދަށުން ފެށިފައިވާ މަސައްކަތެކެވެ. އެގޮތުން އެފަރާތުން މިމަސައްކަތަށް ވަނީ 4 މިލިޔަން ދިވެހި ރުފިޔާ ހަދިޔާ ކޮށްފައިކަމަށް ރައްޔިތުން މަޖިލީހުގެ އިހަފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ވިދާޅުވިއެވެ. ނަމަވެސް ރިވެޓްމަންޓް ޖަހަން ބޭނުންކޮށްފައިވާ ތަކެއްޗަކީ މި އެހީއާ އެކަށީގެންނުވާ، މާ ފެންވަރުދެރަ ތަކެތިކަމަށް ރަށުގެ ރައްޔިތުން ބުނެއެވެ. އަދި އުވަދޯނި ކޮންސްޓަރަކްޝަންގެ ފަރާތުން މިމަސައްކަތަށް ހޭދަކޮށްފައިވަނީ އެންމެ 2 މިލިޔަނެއްހާ ފައިސާކަމަށްވެސް ނުރުހުންތެރިކަމާއެކު އެމީހުން ދަނީ ބުނަމުންނެވެ.
ޙައްލު
މިމަސައްކަތް އަލުން ފަށައިގަތުމަށްޓަކައި ސިޔާސީ ފިކުރުތައް އެއްފަރާތްކޮށް، ރައްޔިތުންނާއި ރަށުގެ އިސްވެރިން ގުޅިގެން އެންމެން އެކަތިގަނޑަކަށްވެ އެއް ރޫޙެއްގައި މަސައްކަތްކުރުން މުހިއްމެވެ. އަދި މިމަސައްކަތް ރައްޔިތުންގެ ބެލުމުގެ ދަށުން ކުރިއަށް ގެންގޮސް، އެހެން ފަރާތަކާ މަސައްކަތް ޙަވާލުކުރުމަކީވެސް މިކަމަށް އެޅޭނެ ހަރުދަނާ  ފިޔަވަޅަކަށް ވާނެއެވެ. މިކަމުގައި ރަށުގެ ރައްޔިތުންނާއި އަދި  އުވަދޯނި ކޮންސްޓަރަކްޝަންގެ ފަރާތުންވަނީ އިހުމާލުވެފައެވެ. އެއީ ރައްޔިތުން ރަށުގެ އިސްވެރިންނަށް އެއްބާރުލުން ދީފައެއް ނުވެއެވެ. އަދި އުވަދޯނި ކޮންސްޓަރަކްޝަންގެ ފަރާތުން ރަށުގެ ރައްޔިތުންނާ މަޝްވަރާ ކޮށްފައެއްވެސް ނުވެއެވެ. އެހެންކަމުން މިދެފަރާތުންވެސް މިކަމުގެ ޒިންމާފުރިހަމައަށް ނަގަންޖެހެއެވެ.

No comments:

Post a Comment