ހީވާގި މުދައްރިސެއް


ހއ. ބާރާށު ފެންފިޔާޒުގޭ ސައުސަން ޢަބްދުއްރަޙީމަކީ އެރަށުޤަމަރުއް ނިސާއާއި ޢަބްދުއްރަޙީމް ޢަލީ(ދޮންމަނިކު) ގެ ހަތްކުދިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅެވެ. އޭނާ އުފަން ވެފައިވަނީ 1969 މާރޗް 16 ގައެވެ.
   ސައުސަން ޢަބްދުއްރަޙީމުގެ ޅަފަތުގެ ދުވަސްވަރުގައި ދެކެމުން އައި ހުވަފެނަކީ ބޮޑުވެގެން ޓީޗަރަކަށް ވުމެވެ. އަދި އެންމެ ވާން ބޭނުންވަނީ ކޮލިފައިޑް ޓީޗަރަކަށެވެ. މަންމަ އާއި ބައްޕަގެ ތެރެއިން ވަކި މީހަކު ޚާއްޞަ ނަޒަރަކުން ނުދެކެއެވެ. ދެމީހުންދެކެވެސް ލޯބި ވަނީ އެއްވަރަކަށެވެ. ޢާއިލާގައި އެއްބަނޑު އެއްބަފާ 7ކުދިން ތިބޭއިރު، އެއްވެސް ފިރިހެން ކުއްޖަކު ނުހުރެއެވެ. އެކަމާ އޭނާ ވަރަށް ދެރަވެއެވެ. އެހެނަސް ޅަފަތުގެ ދައުރު ވޭތުކޮށްފައިވަނީ މަންމަ އާއި ބައްޕަގެ ފުރިހަމަ ލޯތްބާއި އެކު ވަރަށްވެސް އުފަލާއި މަޖަލުގައެވެ.
   ސައުސަން ޢަބްދުއްރަޙީމުގެ ތަޢުލީމީ ޙަޔާތް ކަޑައްތު ކޮށްފައިވާ ގޮތަށް ބަލައިލާއިރު ،އެންމެ ފުރަތަމަ ތަޢުލީމް  ޙާޞިލު ކުރީ މަކުތަބުލް އަހަދިއްޔާއިންނެވެ. އެއީ އޭރު ރަށު ފެންވަރުގައި ހިންގާ ތަނެކެވެ. އެއަށްފަހު އިތުރު ތަޢުލީމް ޙާޞިލު ކުރުމުގެ ގޮތުން މާލެ ގޮސް "ޕްރޮގުރެސިވް" ކުލާހުގައި ބައިވެރިވިއެވެ. އަދި އުމުރުން 21 އަހަރުގައި "ފަށާތަޢުލީމުގެ މުދައްރިސްކަމުގެ ސެޓުފިކެޓްކޯސް "މުދައްރިސުންގެ ތަޢުލީމީ މަރުކަޒުން1990-1991 ފުރިހަމަ ކޮށްފައިވެއެވެ.އަދި 1995ވަނަ އަހަރު ސެޕްޓެމްބަރ 9-21"އިންސާރވިސް ކޯސް" ފުރިހަމަ ކުރިއެވެ. މި ކޯސްވެސް ފުރިހަމަ ކޮށްފައިވަނީ މުދައްރިސުންގެ ތަޢުލީމީ މަރުކަޒުންނެވެ. އޭނާ ވަނީ ކޮމްޕިޔުޓަރ އޮފީސް މެނޭޖްމެންޓް ކޯސް 2000ވަނަ އަހަރު "ސީވެލްތު މޯބައިލް ކޮމްޕިޔުޓަރ ޓްރޭނިންގ ސެންޓަރުން "ފުރިހަމަ ކޮށްފައެވެ. އަދި   ސައުސަން ޢަބްދުއްރަޙީމުވަނީ 2006 އޯގަސްޓް 10-15 އަށް ހދ. ތަޢުލީމީ މަރުކަޒުން ކުރިއަށް ގެންދިޔަ މުދައްރިސުންގެ ކިޔަވައިދިނުމުގެ ހުނަރު އިތުރު ކުރުމަށް ހިންގި ތަމުރީނު ކުރުމުގެ ޕްރޮގުރާމުގައިވެސް ބައިވެރިވެފައެވެ. އަދި ހަމަ އެހެންމެ ކުއްލިޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ހަމަ އެހަރު ، ސާނަވީ މުދައްރިސުންނަށް ހިންގި ތަމުރީނު ޕޮރޮގުރާމެއްގައިވެސް އޭނާވަނީ ބައިވެރިވެފައެވެ. އެއީ އުމުރުން 37 އަހަރުގައެވެ. ސާނަވީ އިސްލާމް މުދައްރިސްކަމުގެ ޑިޕޮލަމާ ކޯސް 2008 ވަނަ އަހަރު ކުއްލިޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ވަނީ ފުރިހަމަ ކޮށްފައެވެ.
އެންމެ ކަޑައިރުއްސުރެ ދެކެމުންއައި ހުވަފެނުގައި ޙަޤީޤީ ކުލަ ޖެހި،މުދައްރިސެއްގެ މަގާމަށް ، ސައުސަން ޢަބްދުއްރަޙީމު ވާޞިލު ވެފައިވަނީ 1992ވަނަ އަހަރުއެވެ. އެއީ އުމުރުން އެންމެ 22 އަހަރުގައެވެ. އޭރު ކިޔަވައިދިނީ ގުރޭޑް 1-5ކަށް އިނގެރޭސި ފިޔަވައި ދެން އެހެން ހުރިހާ މާއްދާތަކެވެ. އަދި އޭގެ ފަހުން ގުރޭޑޤ 6،7ގެ ދަރިވަރުންނަށް ދިވެހި ކިޔަވައި ދިނުމުގައި ޝާމިލުވިއެވެ. 2006 ވަނަ އަހަރުން ފެށިގެން ސާނަވީ ގުރޭޑްތަކަށް އިސްލާމް ކިޔަވައިދޭން ފެށިއެވެ. އަދި 2009 ވަނަ އަހަރުން ފެށިގެން ކިޔަވައިދެމުން ގެންދަނީ އިސްލާމް ޑިޕޮލަމާ ކޯސް ހަދައިގެންނެވެ. އަދި ދަރިވަރުންގެ ނަމުގައި މަޝްހޫރު ވެފައިވަނީ "ސައޫ މިސްގެ " ނަމުންނެވެ.
ޙަޔާތުގައި ކުރެވިފައިވާ ތަޖުރިބާތަކަށް ބަލާއިރު ދިރިއުޅުމުގެ ތަފާތު ތަޖުރިބާތައް އޭނާ ފާހަގަ ކުރިއެވެ. އެގޮތުން މަޔަކަށްވުމުން ލިބޭ އުފަލާއި އުފުލަން ޖެހޭ ޒިންމާތަކާއި ،ކިޔަވައި ދިނުމުގައި އެކި މިޒާޖުގެ ކުދިންނާއެކު ގުޅިގެން އުޅުމާއި ، ތަފާތު މާހައުލުތަކުގައި ތަފާތު ވެރިންނާއެކު ކުރަންޖެހުނު ދަތި އުނދަގޫ ،ފަސޭހަ،އަދި މަޖާ ކަންތައްތައް ހިމެނެއެވެ.
އެންމެ ރީތި ކުލައަކަށް ނޫކުލަވާއިރު ، ސައުސަން ޢަބްދުއްރަޙީމަށް އެންމެ މީރު ކެއުމަކީ ގަރުދިޔަ އާއި ބަތެވެ. އަދި ހޮބީއަކީ ހިންދީ ޑްރާމާ ސީރީޒުތައް ބެލުމާއި ފޮތް ކިޔުމެވެ. ކައިވެނި ކުރީ އުމުރުން 19 އަހަރުގައި އެރަށު ފެހިވިނަމާގޭ އަޙުމަދު ޔޫސުފާއެވެ. އޭނާގެ ޙަޔާތަށް އައި އެންމެ އުފާވެރި ދުވަހަކީ ފުރަތަމަ ވަޒީފާ ލިބުނު ދުވަހާއި އަލަތު ދަރިފުޅު (ސަމާ) ލިބުނު ދުވަހެވެ. އަދި އެންމެ ދެރަވި ދުވަސް ހާމަކުރާކަށް ބޭނުމެއް ނުވެއެވެ. ކައިވެންޏަށް 15 އަހަރު ވެފައިވާއިރު ލިބިފައިވަނީ 3 އަންހެން ކުދިންނެވެ. އަދި އެންމެ ދެކެން ބޭނުންވާ ދުވަހަކީ އެ 3 ކުދިންނަކީވެސް މޮޅު ކުދިންތަކެއް ކަމުގައިވެ ، ޤައުމަށް ޚިދުމަތްކުރާ ދުވަހެވެ.
ސައުސަން ޢަބްދުއްރަޙީމް ހުރިހާ ކުދިންގެ ފަރާތުންވެސް އެދޭ އެދުމަކީ ކޮންމެ ކުއްޖަކީވެސް މާތްﷲ އަށް ކިޔަމަންވެ ހުރެ ، މައިންބަފައިންގެ ބަސްއަހައިގެން ،ކިޔަވާ މޮޅުވެގެން ޤައުމަށް އަގުހުރި ޚިދުމަތްތަކެއްކުރާ ކުއްޖަކަށް ވުމަށެވެ. އޭރުން އެކުއްޖަކަށް ދެދުނިޔޭގެ ފަލާޙާއި ކާމިޔާބު ލިބޭނެއެވެ. އަދި ސައުސަން ޢަބްދުއްރަޙީމަށްވެސް އެ މަޤާމަށް އާދެވުނީ މައިންބަފައިންގެ ބަސް ޤަބޫލުކުރެވުނީމަކަމަށް އޭނާ ޤަބޫލުކުރެއެވެ. އަދި އެކަމަށްޓަކާ އެދެމީހުންނަށް ނިހާޔަތަށް އޭނާ ޝުކުރުވެރިވެއެވެ.

No comments:

Post a Comment